އިސްރާއީލަށް ޖާސޫސް ކޮށްދިން 4 މީހަކަށް އީރާނުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.
އީރާނުން މަރުގެ ހުކުމް އިއްވާފައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ޖާސޫސީ އިދާރާއާ ގުޅިގެން އީރާނުގެ ސިއްރު މައުލޫމާތު ހިއްސާކުރި ހަތަރު ފަރާތެއްގެ މައްޗަށެވެ.
އީރާނުގެ ހުޅަނގު އަޒަރުބައިޖާން ޕްރޮވިންސްގެ ޗީފް ޖަސްޓިސް ނާސިރު އަތާބާތީ އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ އީރާނުގެ ނާޒުކު މަރުކަޒުތަކުގެ ފޮޓޯއާއި ވީޑިއޯ، އިސްރާއީލުގެ ޖާސޫސީ އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ ކުށް ހަތަރު މީހެއްެގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.
އެގޮތުން އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މޮސާޑުގެ އެޖެންޓުންނާއެކު އިމަޖެންސީ ކޮންފަރެންސް ކޯލްތަކަށް ހާއްސަ ފޯނުތަކެއް ގަތުމުގެ އިތުރުން އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އުރްމިއާ، ޝަހުރޫދު އަދި އިސްފާހާން ފަދަ ސިޓީތަކުގައި ގޮއްވުންތައް ގޮއްވާ އަލިފާން ރޯކުރުމުގެ ދައުވާ އެވެ.
މޮސާޑަށް ޖާސޫސުކޮށްދީގެން އޭގެ ބަދަލުގައި އިސްރާއީލުގެ ސިފައިންގެ ފަރާތުން ކްރިޕްޓޯކަރަންސީގެ ގޮތުގައި އެ ހަތަރު މީހުން ވަނީ ފައިސާ ހޯދާފައެވެ.
ޗީސް ޖަސްޓިސް އަތާބާތީ ވިދާޅުވީ ދުޝްމަނުންގެ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ކޮންމެ މީހަކާ މެދު އީރާނުގެ ޝަރުއީ ދާއިރާއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.



