އޮރެންޖަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭ ”ޖޫސީ“ މޭވާއެކެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް އިން ފުރިފައިވާ މި ހުތް ފޮނި މޭވާއަކީ ދުޅަހެޔޮކަން އިތުރު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މޭވާއެކެވެ.
އޮރެންޖުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ ވިޓަމިން ސީގެ މިންވަރު މަތިވުމެވެ. މި މުހިންމު ނިއުޓްރިއެންޓަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހުން އައުމާއި ފްލޫ ފަދަ އާންމު ބަލިތަކުން ހަށިގަނޑަށް ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަމައެކަނި މެދު ސައިޒުގެ އޮރެންޖަކުން ގާތްގަނޑަކަށް 70 މިލިގްރާމް ވިޓަމިން ސީ ލިބޭއިރު، މިއީ ބޮޑެތި މީހުންނަށް ދުވާލަކު ކެއުމަށް ލަފާދޭ މިންވަރުގެ %100 އަށްވުރެ މަތީ އަދަދެކެވެ.
ހަމައެހެންމެ އޮރެންޖަކީ ހަޖަމުކުރުމުގެ ނިޒާމަށް ކޮންމެހެން ބޭނުންވާ ޑައިޓޭރިއަން ފައިބަރުން މުއްސަނދިވެފައިވާ މޭވާއެކެވެ. ފައިބާރގެ އެހީގައި ގޮހޮރުގެ ހަރަކާތްތައް ރެގިއުލޭޓް ކުރުމާއި، ބަނޑުހައިވުން ހުއްޓުވުން ހިމެނެއެވެ.
އަދި މިއީ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މޭވާއެކެވެ.
ފައިބާރގެ އިތުރުން އޮރެންޖުގައި މުހިންމު އެހެން ބައެއް ނިއުޓްރިއެންޓްސް ހިމެނޭއިރު، ލޭގެ ޕްރެޝަރުގެ މިންވަރު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ޕޮޓޭސިއަމް އާއި ސެލްތަކުގެ މަސައްކަތްތަކާއި ޓިޝޫތައް ހެދި ބޮޑުވުމަށް މުހިންމު ފޯލޭޓް އޮރެންޖުގައި ހިމެނެ އެވެ.
އޮރެންޖުން ލިބޭ އަނެއް މުހިންމު ފައިދާއަކީ އެންޓިއޮކްސިޑެންޓްސް ޚާއްޞަކޮށް ފްލެވަނޮއިޑްސް އާއި ކެރޮޓީނޮއިޑްސް ގިނައިން ހުރުމެވެ.
މި ކޮމްޕައުންޑްތަކުގެ އެހީގައި ހަށިގަނޑުގައި އޮކްސިޑޭޓިވް ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކޮށް، ހިތުގެ ބަލިތަކާއި، ހަކުރުބަލި، އަދި ވަކި ވައްތަރެއްގެ ކެންސަރު ފަދަ ދިގުމުއްދަތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި އޮރެންޖުގެ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީތަކުގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ، ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް ވެސް އެހީތެރިވެދެއެވެ.
މީގެ އިތުރުން އޮރެންޖް ގަވާއިދުން ބޭނުންކުރުމުން ހަމުގެ ސިއްހަތު ރަނގަޅުވެ، ހައިޑްރޭޓިން ޕްރޮޕަޓީތަކާއި ކޮލަޖަން އުފެއްދުމަށް އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.




