އިންގްލެންޑްގެ ގްރޭޓަރ މެންޗެސްޓަރ ހުޅުވާފައި ހުރި އިންޑިއާގެ ރެސްޓޯރަންޓަކުން ކެއި 11 މީހެއްގެ ހާލު ދެރަވެގެން، އެ ރެސްޓޯރަންޓު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ގްރޭޓަރ މެންޗެސްޓަރ ގެ ފުލުހުން ބުނެފައިވަނީ، ”ޑޯސާ ކިންގްސް“ ނަމަކަށް ކިޔާ އެ ރެސްޓޯރަންޓަކުން ކެއި 11 މީހަކު އެލާޖިކްވެގެން ރެސްޓޯރަންޓު ތެރޭގައި ފަރުވާދޭން ފަށަން ޖެހުނު ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު މާބޮޑަށް ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްގެންދާ ކަމަށެވެ. އަދި މިކަމާމެދު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޑޯސާ ކިންގްސް އިން އެމީހުންގެ ފޭސްބުކްގައި މިއަދު ޕޯސްޓު ކޮށްފައިވަނީ، ކުއްލިއަކަށް ދިމާވި މިކަންތައްތަކަކާ ގުޅިގެން އެ ރެސްޓޯރަންޓު ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.




