ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާންއަށް މަރުގެ އިންޒާރުތައް ދެމުން ގެންދިޔުމާ ގުޅިގެން، އޭނާ ހުށަހަޅައިދޭ މަޝްހޫރު ޓީވީ ޝޯ ”ބިގްބޮސް“ ގެ މިއަހަރުގެ އެޕިސޯޑްތަކުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާނެ ކަމަށް ޕްރޮޑިއުސަރުން ބުނެފިއެވެ.
ކަލަރސް ޓީވީން މިދިޔަ މަހު ދައްކަންފެށި ބިގްބޮސް 19ގައި ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން، ސަލްމާން އަންނަ ”ވީކެންޑް ކާ ވާރް“ ގެ އެޕިސޯޑުތަކަށް މިއަހަރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ”ވީކެންޑް ކާ ވާރް“ އެޕިސޯޑުތަކުގައި ލައިވް އޯޑިއަންސެއް ނުތިބެއެވެ. މީގެ އިތުރުން ސަލްމާން ޚާން ސެޓަށް ދިޔުމުގެ ކުރިން އެތަނަށް ވަދެ ނިކުންނަ ކޮންމެ މީހެއް ބަލައިފާސް ކުރާ ކަމަށާއި، އެ ޕްރޮޑަކްޝަން ހައުސްގައި ދާއިމީކޮށް މަސައްކަތް ކުރާ 600 އަށްވުރެ ގިނަ މުވައްޒަފުން ވެސް ރަނގަޅަށް ޗެކްކުރާކަމުގައި ބިގްބޮސް ޓީމުން ބުނެފައިވެއެވެ.
ބިގްބޮސް އެންމެ ފުރަތަމަ އުފެއްދީ 2006 ގައި، ސޯޝަލް އެކްސްޕެރިމެންޓެއްގެ ގޮތުގައެވެ. ނަމަވެސް ޝޯއަށް ލިބެމުންދިޔަ ތަރުހީބާ ގުޅިގެން، ކޮންމެ ދެ އަހަރުން އެއް އަހަރު އެ ޝޯގެ އާ ސީޒަނެއް ފަށައެވެ.
ސަލްމާން ޚާން އެ ޝޯ ހޯސްްޓުކުރަން ފަށާފައިވަނީ 2010ވަނަ އަހަރުން ފެށިގެންނެވެ. އޭނާ އެ ޝޯ ހޯސްޓުކުރަން ފެށިފަހުން ބިގްބޮސްއަށް ލިބެމުންދިޔަ ތަރުހީބު އެތައް ގުނައެއް ބޮޑުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.




