ޤަވާއިދާ ޚިލާފަށް މާލޭގައި އުޅެމުން ދިޔަ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، މާފަންނުގައި ބިދޭސީއަކު އިސްވެ ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކެފޭއެއް ޓާސްކް ފޯސްއިން ރޭގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ރެއިޑުގައި ސައްހަ ވިސާއެއްނެތި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީ ދެ ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަގުސަދެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.




