ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގެ ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
ވަގަށް ނަގާފައިވަނީ، ހިޔާ ޓަވަރު 11 ގެ ބޭސްމަންޓުގައި ބަހައްޓާފައި ހުރި ސައިކަލެކެވެ.
މި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ، އެ ފަދަ ވައްކަންތަކުގެ ރެކޯޑް އޮންނަ، ސ،. ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއު ނަމަކަށް ކިޔައި މީހެއްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި އޭނާގެ މައްޗަށް މިދިޔަ ހަފްތާގައި އިއްވީ، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުކެމެވެ. ނަމަވެސް ކުރިން ބަންދު ކުރި 15 ދުވަސް އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ، 11 މަހާއި 26 ދުވަހުގެ ޖަލު ހުކުމެވެ.
މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު، ޝަފީއު މި ސައިކަލު ވަގަށް ނެގި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.



