މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ރެގިއުލޭޓްކުރުމަށް ކަނޑައަޅާފައިވާ ބިލެއް ކަމަށާއި އެއީ އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވެފައިވަނީ، މީޑިއާ ރެގިއުލޭޓްކުރާ ބިލަކީ އާންމު ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވެސް ހުރަސްއަޅާ ބިލެއްކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ ބިލުގައި އޮތް އެއްޗެއް ކިޔުމެއްނެތި ހަގީގަތް ނޭނގި ކަމަށެވެ.
މިބިލަކީ ރައްޔިތުންގެ ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެއްވެސް ހުރަހެއް އޮތް ބިލެއް ނޫންކަމަށާއި، މިބިލުގައި އޮތްގޮތުން ހުއްޓިގެންދާނީ ނޫސްވެރިންނާއި މީޑީއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުންކަމަށް އޭޖީ ވިދާޅުވިއެވެ.
”މިބިލަކުން އަޅުގަނޑު ސޯޝަލް މީޑިއާގައި އެއްޗެއް ލިޔުނަސް އަޅުގަނޑަކަށް އަދި އަޅުގަނޑުގެ މަސައްކަތަކަށް ފިޔަވަޅެއް ނޭޅޭނެ. އެހެންނަމަވެސް ނޫސްވެރިންއެއްނަމަ އަދި ބްރޯޑްކާސްޓްކުރާ ފަރާތެއްނަމަ އެފަރާތަކަށް ފިޔަވަޅު އެޅޭނެ. އާންމު ރައްޔިތުންކުރާ އެއްވެސް ކަމަކަށް މީގެ ސަބަބުން އަސަރެއް ނުކުރާނެ. އަދި ފިޔަވަޅެއް އެޅޭގޮތަކަށް ނޫން މިބިލު އޮތީ މިއީ މީޑިއާ ރެގިއުލޭޓްކުރާ ބިލެއް. އެކަމަކު އެނޫން ގޮތަކަށް އެކަން ދައްކަންވެސް އެބަ ބައެއް ނޫސްވެރިން މަސައްކަތްކުރޭ“ އުޝާމް ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް 14 އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ ހުށަހަޅާފައެވެ.




