ކ. ތިލަފުށީގައި ލޮރީއެއް ދަށުވުމުގެ ސަބަބުން ބިދޭސިއަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ލޮރީ ޑްރައިވަރު، ހެކި ނެތުމުން ރޭގައި ދޫކޮށްލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:15 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ ސްރީލަންކާއަށް ނިސްބަތްވާ މީހަކަށެވެ. ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، މި ހާދިސާ ހިނގަން މެެދުވެރިވީ ހައިމާކެއް ކައިރީ އެމީހާ މަސައްކަތްކުރަން ހުއްޓައި، ލޮރީއަކުން ޖެހި، ވެއްޓިގެން އޭނާގެ ގައިމަތިން ލޮރީ ދިއުމުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ލޮރީ ދުއްވަން އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަޑުރާއީއެވެ.
ވިގްނޭޝްގެ މައްޗަށް ފުލުހުން ކުރަނީ އެކްސިޑެންޓްގެ ސަބަބުން، ލޮރީން ޖެހުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނިކޮށް ވިގްނޭޝް މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ފިލިކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ކޯޓުން ރޭ ނިންމީ އޭނާ ދޫކޮށްލުމަށެވެ. އެގޮތުން ކޯޓުން ބުނީ، ފުލުހުންގެ ތުހުމަތާގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންވެ ކޯޓުން ވިގްނޭޝް ދޫކޮށްލީ އެއްވެސް ޝަރުތަކާނުލައެވެ.


