ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ގއ. ދާންދޫގައި 3000 ގަސް އިންދައިފިއެވެ.
ދާންދޫގައި ގަސް އިންދާފައި ވަނީ ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ވެފައިވާ އަޙުދުގައި ބައިވެރިވެފައިވާ އެސްޑީއެމް ކުންފުނީގެ ފަރާތުން، ދާންދޫ ކައުންސިލާ ގުޅިގެންނެވެ.
އެ ޕްރޮގްރާމްގައި ޖުމްލަ 3000 ގަސް އިންދާފައިވެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ޤައުމީ ފެންވަރުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ދާންދޫ ރަށު ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި ގިނަކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
އިއްޔެ ހެނދުނު ކުރިއަށްދިޔަ އެ ހަރަކާތުގައި އެސްޑީއެމް ކުންފުނީގެ މުވައްޒަފުންނާއި، ސްކޫލް ދަރިވަރުންނާއި، ދާންދޫ ކައުންސިލްގެ މެންބަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އިންދާފައިވާ 3000 ގަހުގެ ސަބަބުން ދާންދޫގެ ހިތްފަސޭހަ ކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދާންދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ގަސް އިންދުމުގެ ސަޤާފަތް ފުޅާވެގެންދާނެ ކަމަށް އެސްޑީއެމް ކުންފުނިން ބުނެއެވެ.




