އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއާޕޯޓުގެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ވަނީ 4.3 ކިލޯމީޓަރުގެ މަގުވަނީ ތަރައްގީ ކޮށްފައެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ ތަރައްގީއަށް މުހިންމު މަޝްރޫޢެކެވެ. އައްޑޫގައި ފަތުރުވެރިކަން ދިރުވުމަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުން މަސައްކަތް ކޮށްފައިވީނަމަވެސް އެކަން އެކަށީގެންވާގޮތުގައި ކުރިއަށްނުދާ މައިގަނޑު ސަބަބަކީ އައްޑޫގެ އެއަރޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީވެފައި ނެތުންކަން އެކި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޙީދު ޙުސެއިން ވިދާޅުވީ، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރުކުރިއަށްދަނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތައްކަން ފާހަގަކުރެއްވިއެވެ.



