އަސާސީ ކާބޯތަކެތީގެ ގޮތުގައި ހެޔޮ އަގުގައި ލިބޭނެ 23 ބާވަތުގެ ކާބޯތަކެތީގެ ނަންތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ނިންމާފައި ވާކަން ރައީސް މުޢިއްޒު ހާމަކުރައްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެގޮތުން އެ ލިސްޓުގައި ހިމެނޭ މޭވާ އާއި ތަރުކާރީއާއި ކާބޯތަކެތީގެ ބާވަތްތައް މިއަދު އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އެ ލިސްޓުގައިވާގޮތުން މޭވާގެ ގޮތުގައި ހިމެނޭ 10 ބާވަތަކީ ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.
އަދި އެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތަކަކީ ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖް، ބަރަބޯ އަދި ބޯވެއްޔެވެ.
މީގެ އިތުރުން އެ ލިސްޓަށް އިތުރުކޮށްފައިވާ އަސާސީ ކާބޯތަކެތީގެ ތެރޭގައި މުގު، ކުކުޅު ބިސް، އަދި ކާށި ހިމެނެއެވެ.
މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން ނިންމަވާފައިވާ ނިންމެވުމެކެވެ.




