ރައްޔިތުންގެ މަޖިީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި ނޭޅުމަކީ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތަށް އަސަރު ކުރާނެ ކަމެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާއަށް ބައެއް މެންބަރުން ޓައީ ނާޅާ ވަޑައިގަތުމުން، އެކަމަށް އިޝާރާތް ކުރައްވައި އެހެން އެކަން ނުކުރެއްވުމަށް ނަސޭހަތްތެރިވަމުންނެވެ.
އެގޮތުން އަބްދުއްރަހީމް ވަނީ ރަސްމީކޮށް ހެދުން އަޅައިގެން ޖަލްސާތަކަށް ވަޑައިގަތުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެއީ އަބަދު ވެސް އަމަލު ކުރަމުން އަންނަ އުސޫލު ކަމަށް ވެސް ވިދާޅުވިއެވެ.
”މިއަދު ބައެއް އިއްޒަތްތެރި މެންބަރުން ޓައީ ނާޅުއްވާ ވަޑައިގެން ތިއްބެވީމާ އަޅުގަނޑު ހަމަ ދަންނަވާލަން، އެހެން ނަހައްދަވާށޭ އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ހިފެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމް ކަމެކޭ“ މަޖިލިސް ރައީސް ވިދާޅުވިއެވެ.




