ހަތް އަހަރަށް ފަހު އެފްއޭއެމުން ފުޓްބޯޅަ އެވޯޑް ދޭން ތައްޔާރުވެއްޖެއެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިގް (ޓޮމް) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ ރޫހް އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން މިއަދު ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވާޑްސް ދޭން އިއުލާނުކުރާ ކަމަށެވެ.
އެގޮތުން އެވޯޑް ދޭނެ ކެޓަގަރީތައް ވެސް ޠާރިގް ވަނީ އެ ޕޯސްޓްގައި ހިމަނާފައެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެވޯޑް ދިނުމަށް އެފްއޭއެމްއިން ހުށަހަޅަނީ:
1- އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)
2- އެންމެ މޮޅު ފުޓްބޯޅަ ކޯޗް
3- އެންމެ މޮޅު ފުޓްބޯޅަ ކުލަބު
4- 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
5- ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
6- ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)
7- ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)
8- އެންމެ މޮޅު ފުޓްބޯޅަ ރެފްރީ
9- އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ
10- އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ
11- އެންމެ މޮޅު ގޯލް
12- އެންމެ މޮޅު ކްލަބް
13- އެންމެ މޮޅު ރެފްރީ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންމެ ފަހުން ފުޓްބޯޅަ އެވޯޑް ދިނީ 2018 ގައެވެ.



