ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އަދި ނައިބު ރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަނު ކުރުމަށްް މަޖިލީހުން ފާސްކޮށްފިއެވެ.
އެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ތިއްބެވި މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަށް މުޖުތާޒް އަދި ނައިބުރައީސްގެ މަގާމަށް ނާސިހު އައްޔަނު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ނާސިހް ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަގާމުގައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ ދެ ބޭފުޅުންވެސް މަގާމުތަކަށް ޝަރުތުހަމަވާ ކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން މަޖިލީހުންވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
މިގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.



