ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެެއްވުން ބާއްވާފައި ވަނީ ޢަރަބި އިސްލާމީ ޤައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މުއިއްޒު ޤަތަރުގެ އަމީރާއެކު ބޭއްްވި ބައްލުވުމުގައި ވަނީ އިސްރާއީލުން ޤަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވާ، މި ހަމަލާގައި ބަޔަކު ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެފައެވެ.
އެގޮތުން ރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށާއި އެ ސަރަޙައްދުގައި ސުލްޙަވެރިކަން ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ކުއްލި އަރަބި އިސްލާމިކް ސަމިޓް އިންތިޒާމު ކުރުމުގައި ޤަތަރުގެ ލީޑަޝިޕަށް ތައުރީފު ކުރައްވާ ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޤަތަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ވަނީ މުސްލިމު ދަޢުލަތްތަކުގެ މެދުގައި އެއްބައިވަންތަކަން އޮތުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ، ޤަޠަރުން ރާއްޖެއަށް މިހާރުވެސް އެކި ދާއިރާތަކުން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.



