ދިވެހިރާއްޖެ އާއި އިންޑިޔާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި ގުޅިގެން، ފޮރިން މިނިސްޓްރީ އާއި އިންޑިޔާ ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެން 60 ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ެިއިއްޔެ 17:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެެ. އަދި ދިވެހި ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ބައިވެރިވެލެއްވިއެވެ.
މި ހަރަކާތަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަރަކާތެކެވެ.
އެޗްޑީސީން ބުނިގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ.
މީގެ އިތުރުން މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކަމުގައިވެސް އެޗްޑީސީން ބުންޏެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޗްޑީސީ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމުގައިވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.




