އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަހީދު އައްޔަންކޮށްފިއެވެ.
މިއަހަރުގެ ޖުލައި މަހު ވަޒީރުންގެ މަޖިލީހުން ވަނީ އެސްޑީއެފްސީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލަން ނިންމާފައެވެ.
އެސްޑީއެފްސީން ބުނި ގޮތުގައި، މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެއެވެ.
އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން، ފާރިހަތު ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑު ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސްގެ މަގާމު ފުރުއްވާފައެވެ.
މީގެއިތުރުން އޭނާއަކީ ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާގައި 19 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.
މީގެކުރިން ފާރިހަތު ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑު ޕޭމަންޓްސް އެންޑް ގަވަނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް ވެސް ފުރުއްވާފައެވެ.



