އަދުގެ ސަރުކާރުން ނޫސްވެރިންގެ އަޑުއަހައިފިކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ރޭ ވިދާޅުވެއްޖެއެވެ.
ރޭގައި ބޭއްވި މީޑިއާ ފޯރަމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލު ހުށަހެޅުމާ ގުޅިގެން ނޫސްވެރިން ދިޔައީ އެމީހުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރަމުން ކަމަށެވެ.
ނޫސްވެރިން ފާޅުކުރި ޝުއޫރުތަކާއި އިސްލާހުތައް މިއަދުގެ ސަރުކާރުން އަޑުއަހައިފި ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވެފައިވެއެވެ.
”ނޫސްވެރިން ބޭނުންވި، ނޫސްވެރިން ފާޅުކުރި، ޝުއޫރުތަކާ އެކީގައި އެޓާނީ ޖެނެރަލް އިސްލާހުތަކެއް ހުށަހެޅީ. ކޮމިޓީން އެ ބިލު ފާސްވެގެން އެ ދިޔައީ އެ އިސްލާހުތަކާ އެކީގައި“ މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
މީގެއިތުރުން ޚަލީލް ވިދާޅުވީ، ޤަަނޫނުން އެންމެ ފުރަތަމަ މޯލްޑިވްސް މީޑިއާ ކައުންސިލެއް ވުޖޫދުވީއިރު، އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ (އެޒަމާނުގައި) ހަމަ އެއްޗެއް ލިޔެލާއިރަށް ފުރަތަމަވެސް ފުލުހަށް ގެންދާކަން ކަމަށެވެ. ނަމަވެސް މި ޤާނޫނު އަންނަފަހުން ސީދާ ފުލުހަށް ނުގެންދާނެ ކަމަށާއި މަތިކޮށްފައި އޮންނާނީ މީޑިއާ ކައުންސިލުން ބެލުމަށް ކަމަށެވެ.



