ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މިއަދުން ފެށިގެން މި ހަފުތާގެ ނިޔަލަށް އަބްދުއްރަހީމް ކުރައްވާ ދަތުރުގައި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި، މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކާއި، ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދާއި ހުޅުމާލެ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަބްދުއްރަހީމްގެ މި ދަތުރުފުޅުގައި، ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން އިތުރު ތަފްސީލެއް މަޖިލިސް އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.




