ރާއްޖޭގެ ފުލޯކު ވާހަކަތަކުގެ ކެރެކްޓާތައް ހިމަނައިގެން އުރީދޫން ތައްޔާރު ކުރި ކަލަންޑަރުގައި މި މަހަށް ހާއްސަކޮށްފައިވާ ކެރެކްޓާއަކީ ”ރަންނަމާރި“ ކަމަށާއި އެގޮތުން މިހާރު ރަންނަމާރިއާއެކު ޗެޓް ކުރެވޭނެކަމަށް އުރީދޫން ބުނެފިއެވެ.
ކިޔުއާރް ކޯޑް ސްކޭން ކޮށްގެން އޭއައިގެ އެހީގައި ކެރެކްޓާތަކާއި ޗެޓު ކުރެވޭ ފީޗާއާ އެކު އުރީދޫން މިއަހަރު ތައާރަފްކުރި މި ކަލަންޑަރުން ކޮންމެ މަހަކު ވެސް ޗެޓް ކުރެވޭނެ އާ ކެރެކްޓާއެއް އަންލޮކް ވާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
އެގޮތުން ކޮންމެ މަހަކު ވެސް ޗެޓަށް ތައާރަފްވާ ކެރެކްޓާއަކީ އެ މަހަކަށް ހާއްސަކޮށްފައިވާ ކެރެކްޓާއެވެ.
އެ ކެރެކްޓާތަކާ ޗެޓްކުރުމުގެ ފީޗާ ޑިވަލޮޕް ކުރުމުގައި އެ ކެރެކްޓާއެއްގައި ހިމެނޭ ސިފަތައް ވާހަކަ ދައްކާއިރު އެނގެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.
މީގެއިތުރުން އުރީދޫން ބުނީ އެ ކުންފުންޏަކީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ސަގާފަތާއި ރާއްޖެއާ ގުޅުންހުރި އެކި ކަންތައްތައް ދިރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ނެރޭ ކަލަންޑަރުތަކަކީ އެ މަގުސަދު ހާސިލްވާ ގޮތަށް ފަރުމާ ކުރަމުން އަންނަ ކަލަންޑަރުތަކެއް ކަމަށާއި އަމާޒަކީ ތަފާތު ގޮތަކަށް ދިވެހި ސަގާފަތާއި ރާއްޖޭގެ އެކި ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ބުންޏެވެ.



