މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން މަޖިލިސް އިދާރާދޮށަށް އެއްވެ، އިހުތިޖާޖްކުރަން ފަށައިފިއެވެ.
މި މުޒާހަރާއަށް ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު ހެނދުނު 8:10 ހާއިރުން ފެށިގެން ވަނީ އެއްވެ، ކަންބޮޑުވުންތައް އިއްވަން ފަށާފައެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލާ ދެކޮޅަށް މިއަދު ފަށާފައިވާ އެ މުޒާހަރާގައި ނޫސްވެރިންގެ އިތުރުން އިދިކޮޅު ބައެއް ފަރާތްތަކާއި އާންމުންގެ ގިނަ އަދަދެއްގެ މީހުންވެސް ވަނީ އެއްވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވާ ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު، އިއްޔެ މަޖިލީހުގެ ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފައެވެ.
ނަމަވެސް އިސްލާހު ކުރި ބިލު ފެންނަން ނެތް ކަމަށާއި، ދައުރުން ބޭރުން މިއަދު ބާއްވަން އިއްޔެ ތާވަލުކުރި މަޖިލިސް ޖަލްސާގެ އެޖެންޑާވެސް އަދިވެސް ނުލިބޭކަމަށް ބުނެ، ނޫސްވެރިންގެންދަނީ މުޒާހަރާގައި އަޑުއުފުލަމުންނެވެ.

މިއަދުގެ މުޒާހަރާގައި ނޫސްވެރިން އެންމެ ގަދަޔަށް ގޮވާލަމުންދަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލު ފާސްނުކޮށް ބޭރުކޮށްލުމަށެވެ.
އެ ސަރަހައްދު ކޮންޓްރޯލު ކުރުމަށް ފުލުހުން ވަނީ ބެރިކޭޑް ޖަހައި، މަޖިލިސް ސަރަހައްދަށް ދެވޭނެ ހުރިހާ މަގެއްވެސް ބަންދު ކޮށްފައެވެ.



