ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހުރި މައިކަކަށް ގެއްލުންވެފައިވާތީ މައިކަށް ވީ ގެއްލުމުގެ ބަދަލުދޭނެ ކަމަށް މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ އިއްޔެ މީޑިއާ ރެގިއުލޭޝަން ބިލު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހުރި މައިކަކަށް ގެއްލުންވެފައިވާތީ އެކަމާއި ގުޅިގެންނެވެ.
އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ ވަޓްސްއަޕް ގްރޫޕަކަށް ރޭ ފޮނުއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، މައިކު ހަލާކުވީ އޭނާގެ އަތުން އެކަނި ނޫން ކަމަށެވެ.
”އަދަބު އަހުލާގު ދެއްކުމަކީ ފެންފޮދަކަށް ވެގެން ހުރުމެއް ނޫން،އަޅުގަނޑު ސޯޝަލް މީޑިއާގައި މިހާ ޑީޓެއިލްކޮށް ނުލިޔުނަސް މިއީ ކަން ހިނގިގޮތް، 3 މީހުން އަތުން މައިކް ހަލާކުވީ“ އިމްރާންގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
މައިކް ހަލާކުވީ އޭނާގެ އިތުރުން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރުގެ އަތުން ކަމަށް އިމްރާންގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގެއްލުމުގެ ހަރަދުދޭން އޭނާ ހަމަޖައްސާފައިވާނެ ކަމަށާއި ރައްޔިތުންގެ މުދަލުގެ އަގު ނަގަން ޖެހޭނެ ކަމަށާއި އެކަން ވާނީ މިހާރު އަންގާފައި ކަމަށް އިމްރާން ވިދާޅުވިއެވެ.



