މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ / ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޘިމް (29އ) އާއި މާލެ / ހ. އަރާހަނދު، ނާޢިމް ޢަބްދުއްރަޝީދު (18އ) އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން ފުލުހުން އެންގުމުން އެ މީހުން މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ މީހުން ފަހަތުން ފުލުހުން ގޮސް ސައިމާ ހިނގުން ފްލެޓްތައް ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އަދި އެ ދެ މީހުން ހައްޔަރުކޮށް އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސްދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



