ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވެބްސައިޓް ޑައުންވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ވެބްސައިޓް މިއަދު ހެނދުނުން ފެށިގެން ވަނީ ޑައުންވެފައެވެ.
މަޖިލީހުގެ ވެބްސައިޓް ޑައުންވެފައި މިވަނީ، އިއްޔެ މަޖިލިސް ކޮމިޓީން އިސްލާހުތަކަކާއެކު ފާސްކުރި މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު އަދި ލިބިފައި ނެތްކަމަށާއި މިއަދު ދައުރުން ބޭރުން ބާއްވަން ތާވަލުކުރި މަޖިލިސް ޖަލްސާގެ އެޖެންޑާވެސް ވެބްސައިޓުން ފެންނަން ނެތް ކަމުގެ ޝަކުވާތަކެއް ނޫސްވެރިން ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
މީގެއިތުރުން މީޑިއާ ބިލު އިސްލާހު ނުކުރުމަށާއި ބިލު ބޭރުކޮށްލުމަށް ގޮވާލައި، ގިނަ އަދަދެއްގެ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަދި އާންމުންވެސް މިވަގުތު ދަނީ މަޖިލިސް ސަރަހައްދުގައި، މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ.
މިއަދުގެ މުޒާހަރާގައި ނޫސްވެރިން އެންމެ ގަދަޔަށް ގޮވާލަމުންދަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލު ފާސްނުކޮށް ބޭރުކޮށްލުމަށެވެ.
އެ ސަރަހައްދު ކޮންޓްރޯލު ކުރުމަށް ފުލުހުން ވަނީ ބެރިކޭޑް ޖަހައި، މަޖިލިސް ސަރަހައްދަށް ދެވޭނެ ހުރިހާ މަގެއްވެސް ބަންދު ކޮށްފައެވެ.




