ޓުއަރިޒަމް ދާއިރާއިން ޓެކްސް ނެގުމުގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އެ ކަމާއި މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވަނީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް އާއި ކޮމިޝަނަރ އޮފް ޓެކްޒޭޝަން ހަސަން ޒަރީއާއިއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ޓެކްސް ނެގުން ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމަށެވެ.
އަދި އެ ދާއިރާގެ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ޞިނާޢަތުން ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްފައިވާ ކަމަށް މިނިސްޓްރީން ބުުނެފައި ވެއެވެ.
މިގޮތުން ޓެކްސް ނެގުމުގެ މައުލޫމާތުތައް ދާއިރާގެ ފަރާތްތަކަށް ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
ޓުއަރިޒަމުން ނަގާ ޓެކުހަކީ ދައުލަތައް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއަކަށްވާއިރު ޓެކްސް ނެގުން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޓުއަރިޒަމް ސިނާއަތް ކުރިއެރުވުމަށްޓަކައި މިނިސްޓްރީއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެ ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.


