ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރި ބޯޓެއް 400،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަގަށްވަދެ، މަސްވެރިކަން ކޮށްފައިވަނީ ޝްރީ ލަންކާގެ މަސްބޯޓެއް ކަމަށްވާ ”އަނުސްކާ ޑެސްހަން“ ނަމަކަށް ކިޔައި ބޯޓެކެވެ. އެ ބޯޓު 2022 ވަނަ އަހަރު އަހަރު ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، މ. މުލީގެ އިރުން 79 ނޯޓިކަލް މޭލު ދުރުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ހަމަ އެ އަހަރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އެގޮތުން އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ އެ ބޯޓުގެ ވެރިފަރާތް، ފަލަހަގެ ރަންޖިތު ޕްރެކުމާރާ ސިލްވާ 400،000 ރުފިޔާއިން ޖޫރިމަނާކޮށް އޭނާގެ ބޯޓު ދައުލަތަށް ނެގުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ޖޫރިމަނާކުރި ނަމަވެސް އުޅަނދު ދައުލަތަށް ނަގައިދިނުމަށް އަމުރުކުރާނެ ގާނޫނީ އަދި ޝަރުއީ ހުކުމެއް ނެތް ކަމަށެވެ.
އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 400،000 ރުފިޔާ، 14 ދުވަސް ތެރޭ ދައްކަން ވަނީ ހުކުމްކޮށްފައެވެ.
ބޯޓުގެ ވެރިފަރާތް ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލަ ނިންމާފައި ވަނީ ޣައިރު ހާޒިރުގައެވެ.



