ސަރުކާރަށް ތާއީދުކުރާ ފަރާތްތަށް ވެސް މަޖިލިސް ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލް ފާސްނުކޮށް ބޭރު ކޮށްލުމަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައެއް އާންމުންވެސް ގޮވާލަމުންދާއިރު، ނޫސްވެރިންގެ މުޒާހަރާގެ އަނެއް ފަޅީގައި ސަރުކާރަށް ތާއީދުކުރާ ޕީއެންސީގެ އެކްޓިވިސްޓުންވެސް މިހާރު ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
އެގޮތުން ޕީއެންސީގެ އެކްޓިވިސްޓުން ގޮވާލަމުންދަނީ، މީޑިއާ ރެގިއުލޭޓް ކުރަންޖެހޭ ކަމަށާއި އެ ބިލު އަވަހަށް ފާސްކުރުމަށެވެ.

ޝާއިއުކުރާ ޚަބަރުތަކާއި ރިޕޯޓުތަކާ ގުޅިގެން ނޫސްވެރިން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި އެހެންކަމުން މި ބިލު ފާސްކުރުން އަވަސް ކުރުމަށް މުޒާހަރާގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވާ ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު، އިއްޔެ މަޖިލީހުގެ ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފައެވެ.
ނަމަވެސް އިސްލާހު ކުރި ބިލު ފެންނަން ނެތް ކަމަށާއި، ދައުރުން ބޭރުން މިއަދު ބާއްވަން އިއްޔެ ތާވަލުކުރި މަޖިލިސް ޖަލްސާގެ އެޖެންޑާވެސް އަދިވެސް ނުލިބޭކަމަށް ބުނެ، ނޫސްވެރިން ގެންދަނީ މިއަދު ހެނދުން ފެށިގެން މި މުޒާހަރާގައި އަޑުއުފުލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.




