ދުނިޔޭގެ އެންމެ ބޮޑުއެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕް 600 އަށް ވުރެ ގިނަ ވިޔަފާރިވެރިންނާއެކު ފަށައިފިއެވެ.
އެ ވޯކްޝޮޕް ކުރިއަށްގެންދާނީ އެއް ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރާގައެވެ.
މި ވޯކްޝޮޕްގައި އޮންލައިންކޮށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ވޯކްޝޮޕްގައި ވިއްކާ މުދަލަށް އަގު ހޯދޭނެ ގޮތްތަށްވެސް މާލީ އިދާރާތައް މެދުވެރިކޮށް ކިޔައިދޭނެ ކަމަށެވެ.
މީގެ އިތުރުން މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ވޯކްޝޮޕްގައި ކިޔައިދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.




