ޓްރާންްސްޕޯޓް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ކުރިން، ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު، މިނިސްޓަރ އަމީން ވިދާޅުވީ، ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
“މި މަސައްކަތްތަކަކީ ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



