ފުވައްމުލައް ސިޓީ އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް، އެ ސިޓީގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީން، ފުވައްމުލައް ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްގެންދިޔައީ މިނިސްޓަރ އަމީންް ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ބައްދަލުވުމުގަ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގަ ވަނީ ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިވެސް ކޮށްފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރ އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ވިދާޅުވީ، ފުވައްމުލަކު ސިޓީ ކައުންސިލާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި، ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި މި މިމަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.




