9.27 ގްރާމު މަސްތުވާތަކެއްޗާއެކު ކ. ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާއެކު ކާށިދޫއިން ހައްޔަރުކޮށްފައި ވަނީ މާލެ / މ. ނަލަހިޔާ މަންޒިލް، ޙަސަން މުނާޒް (40އ) އާއި މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ) އެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައެވެ.
އެ ރަށު މަގުމަތިން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 9.27 ގުރާމެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގެ ތެރެއިން، ކާށިދޫގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުނާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ކާށިދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




