ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މއ. ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން މުޖްތާޒާ ޙަވާލުކޮށްދެއްވާފައެވެ.
މުޖްތާޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.




