ތަރިކަ ހިމާޔަތްކުރުމުގެ ރޮނގުން ޢިލްމީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އޮތީ ތައްޔާރަށްކަމަށް، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދިވެހިބަހާއި، ތާރީޚާއި، ތަރިކައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ތަރިކަ ޙިމާޔަތްކުރުމާއި ދާއިރާގެ ތަރައްޤީއަށްޓަކައި ރާއްޖެއަށް މުހިންމުވާ ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
އަދި މި ރޮނގުން ޢިލްމީ އެހީތެރިކަން ފޯރުވައިދެއްވުމުގެ ޝައުޤުވެރިކަން ސަފީރު ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިބަހާއި، ތާރީޚާއި، ތަރިކަ ހިމާތްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރަށް ރަށުގައި ރަށްވެހިއާސާރުތައް ތަރައްޤީކުރުމުގެ މަޝްރޫޢެއް އޮތްކަމާއި، އަދި އޯރަލް ހިސްޓްރީ އެއްކުރުމުގެ ގޮތުން ކޮންމެ ރަށަކުން މަދުވެގެން 10 މީހުން ތަމުރީނުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމުގައިވެސް މިނިސްޓަރު ވަނީ މަޢުލޫމާތު ދެއްވާފައެވެ. އިނގިރޭސި ސަފީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދާއިރާއިން، ޢިލްމީ ގޮތުން ރާއްޖެއަށް އެހީތެރިކަން ދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރުގެ އިތުރުން އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ފަރާތުން ޕޮލިޓިކަލް އެންޑް ކޮމިޔުނިކޭޝަންސް އޮފިސަރ ސާއިނާ ސަޢީދު އަދި މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ، މިިނިސްޓަރުންގެ ނައިބުންގެ އިތުރުން ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ.



