ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން އަމަލުކުރާނެ އުސޫލެއް އެކުލަވާލައި، އެއާއި ހިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.
މިކަން މަޖިލީހުގެ ރިޔާސަތުން ހާމަކޮށްފައިވަނީ ދައުރުން ބޭރުން މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް ބޭއްވި ޖަލްސާ ނިންމާލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި ”މޯލްޑިވްސް މިޑިއާ އެންޑް ބޮރޯޑްކާސްޓިންގ ރެގިއުލޭޝަން“ ބިލު ދިރާސާކޮށް އިސްލާހުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮމިޓީ ސިއްރުކޮށް މަސައްކަތް ކުރިއަށް ގެންދިޔައިރު، ކޮމެޓީއަށް ހާޒިރުވި ބައެއް މީޑިއާތަކަށް ނިސްބަތްވާ ފަރާތްތަކުން ވަނީ ބިލު ކޮމެޓީން ފާސްކުރުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ފާއިތުވީ 3 ދުވަހު އިހުތިޖާޖް ވެސް ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީގެ މަސައްކަތަށް ހުރަސް އެޅޭގޮތަށާއި، މަޖިލީހުގެ ކަރާމާތައް އަންނަ އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ކޮމެޓީ އަޑު އެހުމުގެ ފުރުސަތު ދިން ފަރާތްތަކުން އަމަލުކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ރިޕޯޓެއް މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ރިޔާސަތަށް ހުށަހަޅާފައިވާ ވުމާއި ގުޅިގެން އެ މައްސަލަ އާންމު ކޮމެޓީއަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށާއި، މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތަށް ކަނޑައަޅައި، އެކަންކަމަށް ހާޒިރުވާ ފަރާތްތަކުން ޚިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ބަޔާން ކުރުމަށް ދެވޭ އިރުޝާދެއް“ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.



