މޯލްޑިވްްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ތައްޔާރުވެއްޖެއެވެ.
އެމްއައިބީން މިއަދު ބުނީ 25 ސެޕްޓެންބަރު 2025 އިން ފެށިގެން، އެ ބޭންކް މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާ ފޮނުވުމާއި ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
އެގޮތުން މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް bank@mib.com.mv އަށް އީމެއިލް ކުރުމުން ސާފުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީން ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާއިރު، އެމްއައިބީން ކޯ-ސްޕޮންސަރ ކޮށްގެން އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާ.ކޮމް އާ ގުޅިގެން ”ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް – އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ“ ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ވެބިނާއެއް ވަނީ އިއްޔެ ބާއްވާފައެވެ.
އިއްޔެގެ ވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ޕްރޮގްރާމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަޤްވާމީ މައިދާނަށް ނުކުތުމަށް އަލީބާބާ ޑޮޓްކޮމް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ލިބިގެންގޮސްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަލީބާބާ.ކޮމް ގައި ދިވެހީންނަށް ސެލާ އެކައުންޓް ހުޅުވުމުގެ ފުރުޞަތާއި އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ޗައިނާއަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.



