ހދ. ކުޅުދުއްފުށީގައި ރާއްޖޭގައި ގާއިމުކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވައިފި އެވެ.
އެ ފެސިލިޓީ ހުޅުވުމަށް މިއަދު ކުޅުދުއްފުށީ ކުނި ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރްމެންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓާ ޖެނަރަލް ނޯބޫ ވަންޗަކް އެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ އެ ފެސިލިޓީ ހުޅުވުމުގެ ބޭނުމަކީ ހަރު މައުދަންތައް ރީސައިކަލް ކޮށް ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ.
“އެ ފެޝިލިޓީގައި ކުނި ބޭލްކުރުމަށް ދެ ބޭލިން މެޝިނާއި ހަތަރު ރަށު ޕިކަޕާއި ހައިޑްރޯލިކް ޕެލެޓް ސްޓެކާ އާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓާއި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓް ފޯރުކޮށްދީފައިވާނެ“ ކައުންސިލުން ބުނެފައި ވެެއެވެ.
މިއީ މޯލްޑިވްސް އޯތެންޓިކް ކްރާފްސް ކޯޕަރޭޓިވް ސޮސައިޓީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ކުނި މެނޭޖް ކުރުމާއި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.



