ހުއްދަ ދީފައިވާ ސިއްހީ ޚިދުމަތްތައް އެއް ވިއުގައަކުން ފެންނާނެ ސޮފްޓްވެއަރ އިފްތިތާހުކޮށްފިއެވެ.
އެ ސޮފްޓުވެއަރ އިފްތިތާހު ކޮށްފައި ވަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އެވެ.
މިއަދު ހެނދުނު މީރުމާގައި ބޭއްވި އެ ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާޙްކޮށްފައެވެ.
އެ ރަސްމިއްޔާތުގައި އެ ކަމަނާ ވަނީ ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
މިއީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއިގުޅޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދިޔައެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ.
މި ދުވަހާއި ގުޅޭގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު“ މިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ ނާޡިމް ގެ އިތުރުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.




