ފާއިތުވީ ދުވަސްތަކަށް ބަލާއިރު އަތޮޅު ކައުންސިލަކީ މާނަހުރި އެއްޗަކަށް ނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ގެނެސްދޭ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ. އަދި އެ ނިޒާމަކީ އެމަނިކުފާނަށް ތަޖުރިބާ ކުރެވުނު ނިޒާމަކަށްވުމުން، ކަންކަން ރަނގަޅު ކުރުމަށް އެނގިވަޑައިގަންނަވާނެ ނިޒާމަކަށްވާތީ، އެ ނިޒާމަށް އިސްކަން ދޭން އެމަނިކުފާނުގެ ސިޔާސަތު އިއުލާނު ކުރައްވާފައިވާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އެގޮތުން މިއަދާ ހަމައަށް އައި އިރު އެކިކަހަލަ އިސްލާހުތައް ވާނީ ގެނެސްފަ. މީގެތެރެއިން އިތުރުވާ އެއްބޮޅު އަތޮޅު ކައުންސިލުތައް ނުބޭއްވުމަކީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލުތަކަކީ އެއްގޮތަކަށްވެސް ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދޭ އެއްޗެއް ނޫން ކަމަށެވެ.




