ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.
ސީޕީގެ މެސެޖުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
“އެ ކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަޅުގަނޑުމެންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރޭ“ ސީޕީގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދާ ކަމަށެވެ.
ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އެ ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މި މުނާސަބާ ފާހަގަކުރަމުންދާއިރު، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރި ކުރުވުމަށާއި، ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އާ ކުރާ ކަަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައި ވަނީ ހިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށެވެ.



