ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
”ރައްޔިތުންގެ އަޑު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތް ދުވަސްވަރު އައްޑޫގެ ރައްޔިތުންނާ ބައްދަލުވެ، ސިޓީއެއްގެ ގޮތުގައި އޮންނަ ބައެއް ކަންކަމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށާއި، އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންގެ ފަރާތުން މިފަދަ ޚިޔާލުތައް އައި ކަމަށެވެ.
މީގެއިތުރުން އައްޑޫގެ ކައުންސިލް ބައްޓަންކުރެވިފައިވާ ގޮތް ނިންމާނީ އެ ސިޓީގެ ރައްޔިތުން ކަމަށާއި އެމަނިކުފާނު ވިދާޅުވިގޮތުގައި އިސްލާހު ގެންނަން ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތު އެހުމަށް ފަހުގައި ކަމަށެވެ.
އެހެންކަމުން އިއްޔެ ތަސްދީގުކުރެއްވި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު ގާނޫނަކަށްވާ ހިސާބުން އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނަންގަވަން ބޭނުންފުޅު ކަމަށް ރައީސްް ވިދާޅުވިއެވެ.
”މި ވޯޓުގަ މި އަހާ ސުވާލަކީ، މިސާލަކަށް ހުޅުދޫ ރައްޔިތުންގެ މެދުގަ ނަގާނެ ވޯޓެއް، ހުޅުދޫ ރައްޔިތުން ބޭނުންވަނީ ހުރިހާ ރަށަކަށް އައްޑޫ ލާފަ އައްޑޫ ހުޅުދޫ ކައުންސިލް ގޮތުގަ ކައުންސިލެއް އުފެއްދުންތޯ ނުވަތަ މިހާރު އޮތް ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގަ އޮންނަންތޯ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



