ސަލްޓަން ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު ބުނީ ސަލްޓަން ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރިއަށް ދަނީ ކުނި އެއްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ފެންސު ޖެހުމާއި އެހިސާބަށް ކައިރިވެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.
”މީގެ އިތުރުން ޕްލޭގުރައުންޑު ވަށައިގެން ގްރާސް ބުލޮކް ޖެހުމާއި ފެންސުތައް މަރާމާތުކޮށް ވެލްޑިންގގެ މަސައްކަތް ވެސް ދަނީ ކުރަމުުން“ އާރްޑީސީން ބުނެފައި ވެއެވެ.
މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އާރްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ސަލްޓަން ޕާކުގައި މަރާމާތުތަކެއްގެ މަސައްކަތް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަސްތެރޭގައެވެ.



