މިއީ ޤައުމީ މުބާރާތުގެ ހާފިޒުންގެ ބައިގައި އެންމެ ގިނަ ހާފިޒުން ބައިވެރިވި އަހަރުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައިވަނީ މިރޭ ފެށުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތުގެ ހާފިޒުންގެ ގޮފީގައި 31 ހާފިޒުން ވާދަކުރުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވަމުންނެވެ.
އެގޮތުން މިކަން ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ މިއީ ތާރީޚީ ކުރިއެރުމެއް ކަމަށެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ހާފިޒުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ހާދިޒުންނެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުންނެވެ.
މި މުބާރާތުގެ ކިޔެވުން ސަލްމާން މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ އެ މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.



