ތ. ކޮޅުމަޑުލު މަޑިފުށީގެ އިހްތިސޯސްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެކަން ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ނަންބަރު 24/2025 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.
މަޑިފުށީގެ އިހްތިސޯސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.



