ފިކުރީ މުދަލުގެ ހައްގުތައް ކުރިއެރުވުމަށް ދިވެހި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) އިން ތައުރީފުކޮށްފިއެވެ.
ވައިޕޯ އިން ފިކުރީ މުދަލުގެ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށްފައި ވަނީ ވައިޕޯގެ ޑިރެކްޓަރ ޖެނެރަލް ޑެރެން ޓޭންގ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ފޮނުއްވި ސިޓީއެއްގައެވެ.
އެގޮތުން ޓޭންްގގެ ސިޓީގައި ވަނީ ފިކުރީ މުދަލުގެ ދާއިރާގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުން ފާހަގަކުރައްވާ، ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމާއި، ޓްރޭޑްމާކް ބިލު އެކުލަވާލުމާއި، ބާން ކޮންވެންޝަންގައި ބައިވެރިވުމަށް ނިންމި ނިންމުންވެސް ފާހަގަކުރައްވާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 2024 ވަނަ އަހަރު ކޮޕީރައިޓާއި އެއާ ގުޅުންހުރި ހައްގުތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުން، 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނު ވަނީ މިހާރުގެ ޒަމާނަށް ފެތޭގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި މި ގާނޫނުން އަދަބީ އަދި ފަންނީ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ސޮފްޓްވެއާ، ސްކްރިޕްޓް، ފިލްމު، ފޮތް، ކުރެހުން، ލަވަ ފަދަ މަސައްކަތްތައް ހިމާޔަތްކޮށްދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިފައިވާ ޓްރޭޑްމާކް ބިލުން ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ބްރޭންޑް ހިމާޔަތްކުރުން ހަރުދަނާކޮށް، ކަސްޓަމަރުންގެ އިތުބާރު އިތުރުކޮށް، ކައުންޓާފިޓް ހުއްޓުވައިދީ، ބައިނަލްއަގުވާމީ ކުންފުނިތަކަށް ރާއްޖޭގައި އެ ފަރާތްތަކުގެ ބްރޭންޑްތައް ރައްކާތެރިކުރުމަށް އެކަށީގެންވާ މާހައުލެއް އުފެދިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި ހަމައެއާއެެކު ދިވެހި ވިޔަފާރިވެރިންނަށް އީކޮމާސްއާއި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ފުޅާވުމަށް މަގުފަހިކޮށްދޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ވައިޕޯގެ ވަފުދެއް މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތްކޮށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން ”އިނޯގުރަލް ޓްރެއިނިން ޕްރޮގްރާމް ފޯ ދަ ކްރިއޭޓިވް އިންޑަސްޓްރީސް އޮފް މޯލްޑިވްސް: ބިލްޑިންގ ކްރިއޭޓިވް ލެގަސީސް ވިތް އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ)“ ގެ ނަމުގައި ފިކުރީ މުދަލާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް 187 ފަރާތަކަށް ނަގާދީފައިވާ ކަމަށާއި އެ ޒިޔާރަތާ ގުޅޭގޮތުން ޓޭންގ ވިދާޅުވީ ހަރުދަނާ ގައުމީ ފިކުރީ މުދަލުގެ ނިޒާމަކުން ހުޅުވާލެވޭ ފުރުސަތުތައް ފުރިހަމައަށް ބޭނުންކުރުމަށް ރާއްޖެ ތައްޔާރުވެފައިވާކަން ވައިޕޯގެ ޓީމުން ފާހަގަކޮށްފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ދިވެހި ސަރުކާރުން ”މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ“ ހަރުދަނާ ކުރުމަށާއި، ފަންނުވެރި ސިނާއަތްތައް ކުރިއެރުވުމާއި، އިގްތިސާދީ ތަރައްގީ ގެނައުމަށާއި އެކްސްޕޯޓް ފުޅާކުރުމުގައި ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމަށް ދޭ އިސްކަމުގެ ހެއްކެއް ކަމަށެވެ.



