ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ޤުރުއާން މުބާރާތް ބޭއްވިގެން މި ދަނީ ދިވެހި ސަރުކާރުގެ ޚަރަދުގައި ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރެވިގެންކަމަށެވެ.
އެގޮތުން މި އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތް ކުރިއަށްދާނީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވަޢުދާއި އެއްގޮތަށް އިމާރާތް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކީރިތި ޤުރުއާނާއި ބެހޭ ވަޤުފް އިމާރާތުގެ ބިމުގެ ރަޖިސްޓްރީ މިހާރު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި މި އިމާރާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ދެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 މުބާރާތުގެ ޤަވާއިދު އިފްތިތާޙްކޮށްފައިވެއެވެ.
މިކަމަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެވެމުން ދަނީ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފާއާއި އިރުޝާދާއެކު، ފުޅާކޮށް މަޝްވަރާ ކުރެވިގެންކަމަށާއި މިއީ މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވިގެންދާ ބަދަލުތަކެއް ކަމަށެވެ.
މިނިސްޓަރު ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ސަރުކާރާއި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ހިއްވަރު ދެއްވާފައެވެ. އެގޮތުން ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



