ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1)ގެ ”ކޮވެލި ލައުންޖް“ އިއްޔެ ހުޅުވައިފިއެވެ.
އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު ވީއައިއޭ އަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ.
”އެހެންކަމުން އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކޮށް, ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް ބޮޑު ގައުމީ ޖިހާދެއް އަދި މަސައްކަތެއް“ މިނިސްޓަރު ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ބުނީ ވީއައިއޭ ޓާމިނަލް 1 ގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު ތަނެއް ކަމަށެވެ. އަދި އެތަނުން އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.

އެމްއޭސީއެލް އިން ބުނީ ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވާ ކަމަށެވެ.

އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހިމެނޭ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
އެމްއޭސީއެލްގެ ކޮވެލި ލައުންޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



