އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކާ ގުޅިގެން ދެ ދުވަހަށް މެދުކެނޑުނު އިންޓަނެޓް އަދި ލޭންޑްލައިންގެ ހިދުމަތް އަލުން ފަށައިފި އެވެ.
ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ޕަލްޓެލް) އިން ނެރުނު ބަޔާނެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އެ ބަޔާނުގައި ފަލަސްތީނުގެ ޓެލެ ކޮމިއުނިކޭޝަންސް ކޮމްޕެނީ އިން ބުނީ ޓެލެ ކޮމިއުނިކޭޝަން ޚިދުމަތްތައް މެދުކެނޑިފައި ވަނީ އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ކަމަށެވެ.
އަދި ޣައްޒާގެ ހާލަތު ގޯސްވި ނަމަވެސް، ޓެލެ ކޮމިއުނިކޭޝަން ޚިދުމަތްތައް އަލުން އިއާދަ ކުރުމަށް އެ ޓީމުން މަސައްކަތް ކުރި ކަމަށެވެ.
އާންމުކޮށް އެތައް ގަޑިއިރެއް ނުވަތަ ދުވަހެއް ވަންދެން ޓެލެ ކޮމިއުނިކޭޝަން ޚިދުމަތްތައް ޣައްޒާއިން ކެނޑުމުގެ ސަބަބުން ޣައްޒާއާއި ބޭރު ދުނިޔެއާ މުޅިން އެކަހެރިވެ މުހިންމު ދާއިރާތަކަށް އަސަރުކުރެ އެވެ.
އެގޮތުން އެންމެ ބޮޑު އަސަރެެއްކޮށްފައި ވަނީ ސިވިލް ޑިފެންސް، އެމްބިއުލާންސް ސާވިސް އަދި ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށެވެ. އެ ބުރޫއެރުންތަކުގެ ސަބަބުން އިންސާނީ އެހީތައް ބެހުމަށް ހުރަސްއެޅި، ދުވަހުން ދުވަހަށް ދިރިއުޅުމުގެ ހުރިހާ ކަމެއް (ޕެރެލައިޒް ވެފައި) ހުއްޓިފައިވެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ހަނގުރާމައިގައި ތަކުރާރުކޮށް އަދި ގަސްތުގައި މުވާސަލާތާއި އިންޓަނެޓް ނެޓްވޯކްތައް ގިނަ ދުވަސްތަކެއް ވަންދެން ކަނޑާލާފައިވެއެވެ.
ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރުންގެ ޖަމިއްޔާއިން ބުނީ އިސްރާއީލުން ޣައްޒާގެ މުވާސަލާތާއި އިންޓަނެޓް ނެޓްވޯކްތައް ގިނަ ދުވަސްތަކެއް ވަންދެން ކަނޑާލައިގެން ހިންގަމުން އަންނަ ޖަރީމާތަކަކީ ބޭރު ދުނިޔެއާ ޣައްޒާ އެކަހެރިކޮށް އިސްރާއީލުން ހިންގާ ޖަރީމާތައް ފޮރުވުމަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ކަމަށެވެ.



