މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމް.ޕީ.އެލްގެ ”އެނިވަރސަރީ ނައިޓް“ ރޭ ހެންވޭރު ދަނޑުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދެވެ. މި ހަފްލާގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން، އެމް.ޕީ.އެލްގެ ބޯޑް މެމްބަރުން، އަދި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި މުޢައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވިއެވެ. އަދި އެމް.ޕީ.އެލްގެ ކުރީގެ ބައެއް މެނޭޖިން ޑިރެކްޓަރުން، ކުރިން ކުންފުނީގެ މެނޭޖްމަންޓްގައި މަސައްކަތްކުރެއްވި ބޭފުޅުން އަދި ބައެއް ކަސްޓަމަރުންވެސް ބައިވެރިވަޑައިގަތެެވެ. އަދި އެމް.ޕީ.އެލްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.
އެމްޕީއެލްގެ އެނިވަރސަރީ ނައިޓް ރަސްމިއްޔާތުގައި އެ ކުންފުންޏަށް ގިނަ އަހަރުތަކެއް ޚިދުމަތްކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް ވެސް އެރުވިއެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ ސައީދެވެ.

މީގެއިތުރުން މި އަހަރުގެ ކުރީކޮޅު ނިޔާވި އެމް.ޕީ.އެލްގެ ސެކިއުރިޓީ ސާރވިސަސްގެ މުވައްޒަފެއް ކަމަށްވާ އަލްމަރްޚޫމް ރަފީޤް އަޙްމަދުގެ ޚިދުމަތުގެ ހަނދާނަށް ޚާއްސަ އެވޯޑެއް ވަނީ އަރުވައިފައެވެ. އެމް.ޕީ.އެލްއަށް 29 އަހަރު ޚިދުމަތްކުރެއްވި އަލްމަރްޚޫމް ރަފީޤްގެ އާއިލާއަށް މި އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ ސައީދެވެ.
މި ރަސްމިއްޔާތުގައި، އެމް.ޕީ.އެލްގެ މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށްވެސް ވަނީ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ. އެއީ ރައިޒިން ސްޓާރ އެވޯޑް، އައުޓްސްޓޭންޑިންގ އެެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑެވެ.
މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ކޯޕަރޭޓް މެގަޒިން ”އުޅަނދު“ގެ ފުރަތަމަ އަދަދު ވަނީ ލޯންޗްކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ އެމް.ޕީ.އެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ކަމާލުއްދީނެވެ.

އަންނަ އަހަރަކީ އެމް.ޕީ.އެލްއިން 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރަށްވާތީ، އެ މުނާސަބަތުގެ ޚާއްސަ ލޯގޯ ރޭގައި ވަނީ އިފްތިތާހްކޮށްފައެވެ. އަދި، 40 ވަނަ އަހަރީ ދުވަހުގެ ކައުންޓްޑައުން ވެސް ވަނީ ރަސްމީކޮށް ފަށައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީ.ސީ.ޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ކުންފުނީގެ 40 އަހަރަށް ކުރިމަތިލާއިރު، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
މީގެއިތުރުން، މި އަހަރުގެ ރަމަޟާން މަހު އެމް.ޕީ.އެލްެގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ ”މަށަށް އެނގޭ“ ކުއިޒްގެ އެއްވަނައަށް ދިޔަ މުވައްޒަފަަށް ހުށަހަޅި މޮޓޯ ސައިކަލް މިރޭގެ ހަފްލާގައި ހަވާލުކުރިއެވެ. އަދި މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވި މުވައްޒަފުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި، ގިނަ އިނާމުތަކެއް ވަނީ މުވައްޒަފުންނަށް ދީފައެވެ.
އެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު މިހާ ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، އާލާކުރުމުގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ކުންފުންޏަށް އައި ކުރިއެރުންތައް ފާހަގަކޮށް، އެކަމުގެ ފަހަތުގައި ކުންފުނީގެ މުވައްޒަފުންގެ ހުރި މިންނެތް މަސައްކަތް ފާހަގަކުރުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެމް.ޕީ.އެލްގެ 39 އަހަރުގެ ދިގު ތާރީޚަށް ބަލާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، ޒަމާނީ ބަނދަރުގެ ޚިދުމަތްތައް ތައާރަފްކުރުމާއި، ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ގިނަކުރުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމް.ޕީ.އެލް އިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ.



