ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ގަސްތުގައި ބޮޑުކުރާ ކަމަށާއި އެ ފުރުސަތު ދެން ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
މިފަހަކަށް އައިސް ބާޒާރުގައި އޮރެންޖާއި އާފަލުގެ އިތުރުން މޭވާގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ބާޒާރާއި ފިހާރަތަކުގައި ވެސް އުފުލިގެންދިޔައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހާ އަޅާބަލާއިރު މޭވާގެ ބާވަތްތަކުގެ އަގު ނިމުނު އޮގަސްޓު މަހު %6 އިތުރުވެފައިވެއެވެ.
އެކަމުގެ ސަބަބުން އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފެށުމުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ވިއްކަން ފަށަން ރައީސް މުޢިއްޒު ނިންމެވިއެވެ.
ރާއްޖޭގެ ހަތަރު އަތޮޅަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި ދަތުރުފުޅުގައި ވ. ފެލިދޫއަށް އިއްޔެ ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މޭވާ އާއި ތަރުކާރީ މިފަހުން އަގުބޮޑުވުމަކީ ބައެއް މީހުން ސިޔާސީ ބޭނުމެއްގައި ގަސްތުގައި ރާވާގެން ކުރި ކަމެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ވަކި އަދަދަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާ އެކު، ބޭރުން މުދާ އެތެރެކުރާއިރު ޓީޓީ ހެދުމަށް ކުރިން ނުލިބޭ އަދަދަށް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ހެޔޮ އަގުގައި ތަކެތި ލިބުން މަގުފަހިވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ޑޮލަރު ލިބުން ދަތިކަމަށް ބުނެ، ބައެއް މީހުން މޭވާ އާއި ތަރުކާރީގެ އަގު ގަސްތުގައި ބޮޑުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މޭވާ އާއި ތަރުކާރީގެ އަގު ބޮޑުކުރަން ފެށުމުން ސަރުކާރުން މިހާރު ނިންމާފައި މިވަނީ ރާއްޖޭގައި ބޭނުންކުރާ އެންމެ ގިނަ ބާވަތުގެ ތަރުކާރީ އާއި މޭވާ އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދާދިނުމަށް ކަމަށެވެ.




