ވ. ކެޔޮދޫ ސްކޫލުގައި ހަތަރު ބުރީގެ އައު އިމާރާތެއް އެޅުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން މި މަސައްކަތް ސަރުކާރުގެ ފަރާތުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައުދީއެވެ.
އާބާދީގައި 650 އެއްހާ މީހުން ދިރިއުޅޭ އެ ރަށު ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވައެވެ. އަދި އެ ރަށުގައި ގްރޭޑް 10 ނިންމާ ދަރިވަރުން އޯ ލެވެލްގައި ރަނގަޅު ނަތީޖާ ވެސް ހޯދައެވެ.
އޭ ލެވެލް ހެދުމަށް ދަރިވަރުން ރަށުގައި މަޑުނުކުރުމަކީ އެ ރަށުގެ އެއް ކަންބޮޑުވުމެކެވެ. އެހެންކަމުން ސްކޫލުގެ އައު އިމާރާތަކީ ޖާގައިގެ ދަތިކަމަށް ލިބޭނެ ވަރަށް ބޮޑު ހައްލެއް ކަމަށް ސްކޫލުން ދެކެއެވެ.




